ޚަބަރު

އަދީބަކީ ރާއްޖޭގައި ނުއުފެދޭ ވަރުގެ ނުރައްކާތެރި މުޖުރިމެއް، އޭނަގެ ހަރަކާތްތައް ބަލަން ޖެހޭނެ: ކުރީގެ ޕީޖީ މުއިއްޒު

4

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަކީ ރާއްޖޭގައި ނުއުފެދޭ ވަރުގެ ނުރައްކާތެރި މުޖުރިމެއް ކަމަށާއި ގޭގައި ހުންނަ އިރު ވެސް އޭނާއާ ދޭތެރޭ ސަމާލުވެ ފުލުހުން މޮނިޓާ ކުރަން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިހެން ވިދާޅުވީ އޭނާ މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގަ އެވެ.

މުއިއްޒުގެ ޓުވީޓުގައި ފާހަގަކުރައްވައިފައިވާ ގޮތުގައި އަދީބަށް ވެސް ބޭސްފަރުވާގެ ހައްގު އެބަ އޮތެވެ.

""އަދީބު ވަނީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފަ. ޚިޔާނާތުގެ ފައިސާ ފޮރުވައި އެކި ފަރާތްތަކަށް ދެވިގެން ނުވާނެ." މުއިއްޒުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު މިއަދު ވިދާޅުވީ އަދީބަކީ އާދައިގެ ކުށްވެރިއެއް ނޫން ކަމަށާއި އެތައް ބަޔަކު ހިމެނޭ ގޮތުން ބޮޑު ޓީމެއް އެކުލަވައިލައިގެން ރައީސުލް ޖުމްހޫރިއްޔާ އަވަހާރަކޮށްލަން ބޮން ހަދައި ގޮއްވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ.

"އޭނާގެ މައްޗަށް ސާބިތުވެފައި އެވަނީ ގައުމެއްގެ ނިސްބަތުން ބަލާ އިރު ވަރަށް ވެސް ބޮޑު ދެކުށް. ގައުމުގެ ރައީސް އަވަހާރަކޮށްލަން އުޅުމާއި ރާއްޖޭގެ އެންމެ ބޮޑު ޚިޔާނާތް. އެހެން ވީމަ އެވަރުގެ މީހަކު އަނެއްކާވެސް އެހެން ޖިނާއީ ކުށްތަކަށް އަރައިގަންނަން ފުރުސަތު ދެވިގެން ނުވާނެ." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މިއަދު އަޅުގަނޑުމެން މި ދައްކަނީ އެސެޓް ރިކަވަރީގެ ވާހަކަ ކަމަށާއި އެވާހަކަ ދައްކާ އިރު އެޔާ ދިމާ އިދިކޮޅަށް ކަންކަން ހިނގާތަން ފެނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟