އިބްރާހިމް ޒަކީ
ކޮވިޑް 19އާ ގުޅިގެން ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ރާއްޖޭގެ ފެން ކުންފުނި އެމްޑަބްލިޔުއެއެސްސީން ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމައިފިއެވެ.
ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބުރޫކު މިރޭ ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އެ ނިންމުމަކީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
އެކަމަށްޓަކައި އެ ކުންފުނީގެ މުވައްޒިފުންނަށާއި، މެނޭޖްމެންޓަށް ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރާ ކަަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
"ސަރުކާރުން މިކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމްޑަބްލިއުއެސްސީގެ ފަރާތުން މިއަދު ވަނީ ނިންމުމެއް ނިންމައިފަ، އެ ނިންމުމަކީ އެއްޓަނުގެ ފެން ކޮންމެ ގޭބިސީއަކަށް ހިލޭ ލިބޭނެގޮތް ހަދައިދިނުން، އެމްޑަބްލިޔުއެސްސީގެ ސްޓާފުންނަށާއި މެނޭޖްމަންޓަށް މިކަމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑަށް ޝުކުރު ދަންނަވަން،" މަބްރޫކު ވިދާޅުވިއެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭން ބޭރުން ރާއްޖެއަށް ލިބެމުންދާ ބައެއް އެހީތައް ފާހަގަކުރައްވައި، މަބްރޫކު ވިދާޅުވީ، އަވަށްޓެރި އިންޑިއާގެ ފަރާތުން ހިލޭ އެހީގެ ގޮތުގައި މިވަގުތަށް ބޭނުންވާ ބޭހުގެ ގޮތުގައި ފަސްޓަނުގެ ބޭސް ދީފައިވާ ކަމަށެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން މީގެކުރިން އިންޑިއާ ސަރުކާރުން ވަނީ މެޑިކަލް ޓީމެއް ރާއްޖެއަށް ފޮނުވައިފައެވެ. މަބްރޫކު ވިދާޅުވީ، މިއީ މެޑިކަލް ޓީމުގެ އިތުރުން އެހީގެ ގޮތުގައި ފޮނުވި ބޭސް ކަމަށެވެ.
އޭނާ ވިދާޅުވީ، މީގެ އިތުރުން އެމެރިގާގެ ހިލޭ އެހީއެއްވެސް ލިބިފައިވާ ކަމަށެވެ. އެގޮތުން 400 ކަވަރޯލްބޫޓީސް އާއި އަންގި ހިލޭ އެހީގެ ގޮތުގައި އެ ގައުމުން ދީފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް 19 އަށް ދިހަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.