އިބްރާހިމް ޒަކީ
އާސަންދަ ސްކީމްގެ ދަށުން ރާއްޖޭން ބޭރުން ފަރުވާ ހޯދަން އެދޭ ފޯމާއި، އެއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، ފޯމު ފުރުވާ ހިދުމަތްދޭ މަރުކަޒު މެދުވެރިކޮށް އާސަންދައަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މީގެ ކުރިން އާސަންދަ ފޯމުތައް ހުށަހަޅަން ޖެހެނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އާސަންދަ އޮފީހަށެވެ.
އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް އެކަންތައް ހަމަޖެއްސީ، ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 އަށް ބައެެއް މީހުން ޕޮޒިޓިވްވަމުން ދިއުމާ ގުޅިގެން އެބަލި ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އަދި އެގޮތަށް ހިދުމަތްދޭ މަރުކަޒުތައް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވާ އިރު، ބަލި މީހާ ނުވަތަ އެހީތެރިޔާއާ ގުޅޭނެ ނަންބަރެއް ފޮނުވަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ލިޔެކިޔުންތައް ޗެކް ކުރުމަށްފަހު އާސަންދަ ކަސްޓަމާ ސާވިސް ސެންޓަރުން ބަލި މީހާ ނުވަތަ އެހީތެރިޔާއާ ފޯނުން ގުޅައިގެން ކުރިއެކޭވެސް އެއްގޮތަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ބަލިމީހާ ބޭރަށް ފޮނުވުމުގެ ޕްރޮސެސް ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ޕްރީ އޮތޮރައިޒޭޝަން ސިޓީއާއި ޓިކެޓް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެ ކަމަށާއި އީމެއިލް އެޑްރެހެއް ނެތްނަމަ އައިޖީއެމްއެޗްގައި ހުންނަ އާސަންދަ ކައުންޓަރުން، ރަސްމީ ގަޑީގައި އެ ލިޔުންތައް ދޫކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"މިދުވަސްވަރު ކޮންމެހެން ފަރުވާ ހޯދަންޖެހޭ ހާލަތެއްގައި ނޫނީ ރާއްޖެއިން ބޭރަށް ސިއްހީ ހިދުމަތް ހޯދަންވެސް އަދި އެހެން ކަންކަމުގައިވެސް ދަުރުކުރުމަކީ މިވަގުތު ރައްކާތެރި ކަމަކަށް ނުވާތީ ހުރިހާ ބޭފުޅުންވެސް މިކަންކަމާމެދު ސަމާލުވެލައްވާ، ފަރުދީ ޒިންމާ އަދާކުރައްވައި، ގިނަގިނައިން އަތްދޮވެ ސާފިތާހިރުކަމަށް އިސްކަން ދެއްވައި، ރައްކާތެރިވެ ތިބުމަށް މިކުންފުނިން އިލްތިމާސްކުރަން." އާސަންދަ ކުންފުނިގެ ބަޔާނުގައިވެއެވެ.