ޚަބަރު

މިދަނޑިވަޅުގައި ހަރަދު ކުޑަކުރަން މަޖިލިސް މެންބަރުން އިސްނެންގެވުން މުހިންމު ކަމަށް އަލްހާން ވިދާޅުވެއްޖެ

އައިދާ އަބްދުލް ހަކީމް

ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހޭ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަމަށް އިސް ނެންގެވުން މުހިއްމު ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ރޯގާ ކޮވިޑް19 އާ ގުޅިގެން އިގްތިސާދު ހީނަރުވަމުންދާއިރު، މެޖޯރިޓީ ޕާލަމެންޓަރީ ގްރޫޕަށް މިކަން ވާނެކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ އަކީ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއެވެ.

"މިފަދަ ހާލަތެއްގައި މަޖްލިސް މެމްބަރުންގެ އިސްނެންގެވުން ވަރަށް މުހިންމު! މެޖޯރިޓީ ޕާލަމެންޓަރީ ގްރޫޕަށް މިކަން ވާނެ! " އަލްހާން ވިދާޅުވިއެވެ.

އަލްހާން މިހެން ވިދާޅުވެފައިވާއިރު މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިދިޔަ މަހުގެ އެއްވަނަ ދުވަހު ވިދާޅުވެފައިވަނީ ކޮވިޑް19 އާ ގުޅިގެން އިގުތިސާދު ދައްވަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ވިސްނުންފުޅު ހުރީ މަޖިލިސް މެންބަރުންގެ މުސާރަ އާއި ދައުލަތުގެ އިސް މަގާމުތަކުގެ މުސާރަ ކުޑަ ކުރުމަށް ކަމަށެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބައްދަލުކޮށް އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެވި، އެމްޑީޕީގެ ގިނަ މެންބަރުން އެކަމަށް ތާއީދު ކޮށްފައިވާ ކަމަށް ބޮންޑޭ އޭރުވަނީ ވިދާޅުވެފައެވެ.

ނަމަވެސް އަދި އެފަދަ ކަމެއް ކުރަން ނިންމާފައިވާކަން އެމްޑީޕީ އަދި މަޖިލީހުން ވެސް މިއަދާއި ހަމައަށް ހާމަކޮށްފައެއް ނުވެއެވެ.