ޚަބަރު

ކޮވިޑް 19 : އިންޑިއާއިން ރާއްޖެއަށް ތިން މަސްދުވަހަށް ބޭނުންވާނެ ބޭސް ހަދިޔާކޮށްފި

މަރިޔަމް ޝަހުދާ

އިންޑިއާއިން ރާއްޖެއަށް ތިން މަސްދުވަހަށް ބޭނުންވާނެ ބޭސް ހަދިޔާ ކޮށްފި އެވެ.

އިންޑިއާގެ ސަރުކާރުން ރާއްޖޭގެ ސަރުކާރާއި މި ބޭސްތައް ހަވާލުކޮށްފައިވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކޮވިޑް 19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ރާއްޖެއަށް ހަވާލުކޮށްފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ބޭނުންވާނެ ބޭހެވެ.

މި ބޭސްތައް ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. ރާއްޖޭގެ ސަރުކާރުގެ ފަރާތުން މި ބޭސްތަކާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭސްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ތަފާތު 53 ވައްތަރެެއްގެ ބޭސް ހަދިޔާ ކޮށްފައިވާ ކަމަށެވެ. މި ބޭސްތަކުގެ ތެރޭގައި އިންޑިއާއިން އެކްސްޕޯޓް ކުރުން މެދުކަނޑާލާފައިވާ އަދި ކޮންޓްރޯލް ކޮށްފައިވާ ބައެއް ބޭސް ވެސް ހިމެނޭ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރާއްޖެއަށް މި ބޭސްތައް ހަދިޔާ ކުރުމުން ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން ފެނިގެންދާ ކަމަށެވެ. އަދި މީގެ ކުރިން ވެސް މިފަދަ ހާލަތްތަކުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަން މިނިސްޓަރު ޝާހިދުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މިހާލަތުގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަ ކުރައްވައި އިންޑިއާގެ ސަފީރު ސަންޖޭގެ އިތުރުން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު ސަންޖޭވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން މިފަދަ ދަތި ދަނޑިވަޅުތަކުގައި އަބަދުވެސް އެ ގައުމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސަންޖޭ ވިދާޅުވިއެވެ. އަދި އެ ގައުމުންވެސް ކޮވިޑް 19އާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނައިރު، ހުރިހާ އެންމެނަށް މި ދަނޑިވަޅުގައި އެންމެ ފައިދާ ވާނީ ގުޅިގެން މަސައްކަތް ކުރުން ކަމަށް ސަންޖޭ ވިދާޅުވިއެވެ.