ޚަބަރު

ކޮވިޑް 19 އާ ގުޅިގެން ބަންދުގައި ތިބޭ މީހުންގެ އާއިލީ ބައްދަލުވުންތައް ހުއްޓާލައިފައި

އިބްރާހިމް ޒަކީ

ސިއްހީ ކުއްލި ހާލަތާ ގުޅިގެން ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ބައްދަލުވުންތަކުގައި އަމަލު ކުރާނެ އުސޫލެއް ކަނޑައަޅައި އާއްމުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން އާއްމު ކޮށްފައިވާ އެ އުސޫލުގައި ބުނެފައި ވަނީ، ރާއްޖޭގައި މިހާރު މިއޮތް ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން، ބަންދު މީހުންގެ އާއިލީ ބައްދަލުވުން ވަގުތީގުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ބަދަލުގައި ކޮންމެ ދިހަ ދުވަހަކުން ދިހަމިނިޓްގެ ފޯނު ކޯލެއް ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން ބުނީ ބަންދު މީހެއްގެ ކިބައިން ރޯގާގެ އަލާމާތެއް ފެންނަން ހުރިނަމަ ވަކީލުގެ ބައްދަލުވުމަށްވެސް ފުރުސަތު ނުލިބޭނެ ކަމަށެވެ.

އަދި އެނޫން ހާލަތްތަކުގައި ވެސް ބައްދަލުވުމަށް ނުދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ ވަކީލު ބައްދަލުވުމަށް ފުރުސަތު ނުދިން ނަމަވެސް 30 މިނިޓްފެ ކޯލެއް ވަކީލާ ވާހަކަ ދެއްކުމަށް ލިބޭނެ ކަމަށެވެ.

އަދި މިއީ ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެ އަޅަމުން ގެންދާ ފިޔަވަޅެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަދި ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި އުފެދިފައި އޮތް ހާލަތު ނޯމަލް ވަންދެން ފުލުހުންގެ ބަންދުގައިތިބޭ މީހުންގެ ބައްދަލުވުންތައް ކުރިއަށް ދާނީ އެގޮތަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.