ރާއްޖެއަށް ކަންތައްތަކެއް ޝަރުތުކޮށް އެއް ބިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގެ އިތުރުން ޖަޕާނުގެ ނޫހެއް ކަމަށްވާ "އޭޝިއަން ރިވިއު" އިން ވަނީ ރާއްޖެއަށް އިންޑިއާއިން އެއް ބިލިއަން ޑޮލަރުގެ ލޯނުގެ އެހީ ދިނުމަށް ތައްޔާރަށް އޮތް ކަމަށް ރިޕޯޓްކޮށްފައެވެ.
އިންޑިއާ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ އެ ނޫސްތަކުން ބުނެފައި ވަނީ ރާއްޖެއަށް ލޯނު އެހީ ދިނުމުގައި ތަފާތު ކަންތައްތަކެއް ޝަރުތުކޮށްފައިވާ ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ޝަރުތުކުރާ ކަންތައްތަކުގެ ތެރޭގައި ދާއިމީ ގޮތެއްގައި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ ގޮތަށް ހަމަޖައްސައި ދެގައުމުގެ މެދުގައި އޮތް ސަލާމަތީ ގުޅުން ވަރުގަދަކުރުން ހިމެނޭ ކަމަށް އެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ޗައިނާ ސަރުކާރަށް ދައްކަން ޖެހޭ ދަރަނި އަދާކުރުމަށް އެހީތެރިވުމަށް އެ ލޯނުގެ އެހީ އިންޑިއާއިން ދޭނީ ރާއްޖެ އާއި ބެއިޖިން އާ އޮތް ގުޅުން ކުޑަކުރުމަށް ވެސް ޝަރުތުކޮށްފައި ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.
އޭޝިއަން ރިވިއު އިން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރީން އެ ލޯނު ހަވާލުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އިންޑިއާ އިން ނިންމާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.