އިބްރާހިމް ޒަކީ
އެމެރިކާ އާއި އިނގިރޭސި ވިލާތާއި އެފްރިކާގެ ޑޮކްޓަރުން ހިމެނޭ މެޑިކަލް ޓީމެއް އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި މެޑިކަލް ޓީމަކީ ޓޫރިޒަމް ޓްރަސްޓް ފަންޑުން ހަރަދު ކޮށްގެން ގެންނަ ޓީމެއް ކަމަށެވެ.
"ޓޫރިޒަމްގެ ޓްރަސްޓް ފަންޑުން އިންޑަސްޓްރީގެ އެހީތެރިކަމާއެކު އެމެރިކާ އާއި އިނގިރޭސިވިލާތާއި އެފްރިކާގެ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ މިކަހަލަ ކަންކަމަށް އެޓެންޑްކުރާ ޓީމެއް ބުރާސްފަތި ދުވަހު ރާއްޖެއަށް އަންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފްތާތަށް ވާނީ ކޮވިޑް 19 ގެ ކަންތަކުގައި އެންމެ ވަރުގަދަ މަސައްކަތްތައް ކުރަންޖެހޭ ދުވަސްތަކަށެވެ.
އެހެންކަމުން އެ މެޑިކަލްޓީމަކީ އެއްމަސް ދުވަހުގެ މުއްދަތަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކޮވިޑް 19 ގެ ޓާސްކްފޯހަށް ހަދިޔާކުރާ ޓީމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ކުރިށް މިއޮތް ހަފްތާތައްވާނީ މިކަމުގައި އެންމެ އެކަށީގެންވާ ގޮތަށް ވަރުގަދަ މަސައްކަތްތައް ކުރަންޖެހޭ ދުވަސްތަކަށް، އެހެންކަމުން އެއްމަސް ދުވަހުގެ މުއްދަތަށް މެޑިކަލް ޓީމެއް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން މި ޓާސްކްފޯހަށް އަޅުގަނޑުމެން އެބަ ހަދިޔާކުރަން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
އެމެރިކާ އާއި އިނގިރޭސި ވިލާތާއި އެފްރިކާގެ ޑޮކްޓަރުން ހިމެނޭ މެޑިކަލް ޓީމެއް ބުރާސްފަތި ދުވަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާއިރު، ކޮވިޑް 19 އާ ގުޅިގެން އެބަލީގެ ފަރުވާއަށް ބޭނުންވާ މުހިއްމު ބޭސްތަކާއެކު އިންޑިއާގެ މެޑިކަލް ޓީމެއްވެސް ވަނީ ރާއްޖެ އައިސްފައެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ ސަރުކާރުން ފޮނުވި އެ މެޑިކަލް ޓީމު ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.