އިބްރާހިމް ޒަކީ
ކޮވިޑް 19 އިގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި، އއ ވެލިދޫ ސަރުކާރަށް ނަގައިފިއެވެ.
ކޮވިޑް 19 އާބެހޭ މައުލޫމާތު ދެއްވުމަށް ދަރުބާރު ގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ކަރަންޓީނު ކުރަންޖެހޭ މީހުން ބެއިތިއްބުމަށް ތިންވަނަ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ވެލިދޫ ރިސޯޓް ތަަރައްގީ ކުރުމަށް ސަރުކާރަށް ނަގާފައިވާ ކަމަށެވެ.
އެ ރިސޯޓަކީ ހުސްވި 2019 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ހިންގުމަށްފަހު މިހާރު ހުއްޓާލާފައިއޮތް ރިސޯޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ވެލިދޫވެސް ނަގާފައިވަނީ ހަ މަސްދުވަހަށް ކަމަށާއި، އެކަމުގައި އެ ރިސޯޓުގެ ހިއްސާދާރުން ކަމަށްވާ އަހުމަދު އިސްމާއީލް އާއި މުހައްމަދު ރާމިޒް އާއި އަބުދުﷲ މުހައްމަދު، ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވެލިދޫ ރިސޯޓް ކަރަންޓީނު ފެސިލީޓީއެއްގެ ގޮތުގައި މިވަގުތަށް ބޭނުން ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ފުލުހުންގެ ޓީމަކާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމަކުން މިހާރުވެސް ކުރަމުން ގެންދާ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ދިވެހި ރައްޔިތުންނާއި ފަތުރުވެރިންނަށް ބޭނުން ކުރަން އޮންނަ ރަށެއްގެ ގޮތުގައި ވެލިދޫ ރިސޯތް ހަމަޖެހިގެންދާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑު ކުރިން ދެންނެވިހެން 2019 ވަނަ އަހަރުގެ ފަހު ކޮޅާހަމައަށް ރިސޯޓެއްގެ ގޮތުގައި ހިންގަމުންގޮސް ހުއްޓިފައިއޮތް އއ.ވެލިދޫ ޓޫރިސްޓް ރިސޯޓް މި ރިސޯޓުގެ ތިން ހިއްސާދާރުން ކަމަށްވާ އަހުމަދު އިސްމާއީލް، މުހައްމަދު ރާމިޒް، އަދި އަބުދުﷲ މުހައްމަދަށް މި ފުރުސަތުގައި އަޅގަނޑު ވަރަށް ހާއްސަ ޝުކުރެއް ދަންނަވާލަން މި ރިސޯޓްވެސް ވަނީ އަޅުގަނޑުމެން ދިވެހި ސަރުކާރަށް ކުރިއަށްއޮތް ހަ މަސްދުވަހު ބޭނުންކުރުމަށް ނެގިފަ، އަދިމިހާރު ފުުހުންގެ ޓީމަކާއި މިނިސްޓްރީގެ ޓީމެއް ދަނީ މިވަގުތު އެރަށް ބޭނުން ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނިހެން ވިދާޅުވެފައިވާއިރު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ވިލިވަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.
މިނިސްޓަރު ވިދާޅުވީ، އެ ރަށުގައި މިހާރު 30 ކޮޓަރި ތަރައްގީކޮށްފައިވާ ކަމަށާއި، 100 އެނދަށްވުރެ ގިނަ މީހުންނަށް ހިދުމަތް ދެވޭގޮތަށް ތަރައްގީ ކުރުމަށް އެ ރަށުގެ ދެވަނަ ފޭހުގެ މަސައްކަތް މާދަމާ ފައްޓަވާނެ ކަމަށެވެ.