ސާކް

ކޮވިޑް 19: ސާކު ގައުމުތަކުގެ ޓެލެކޮންފަރެންސް މާދަމާ ބާއްވަނީ

ކޮވިޑް 19 އާގުޅިގެން ސާކު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ބާއްވާ ޓެލެކޮންފަރެންސް މާދަމާ ބާއްްވަން ނިންމައިފިއެވެ.

ކޮވިޑް 19 އާގުޅިގެން އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިސްވެރިންގެ ޓެލެކޮންފަރެންސެއް ބޭއްވުމަށް ގޮވާލެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. މިކަމަށް ގޮއްވާލައްވައި މޯދީ ދެއްވި ދައުވަތު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ސަރަހައްދުގެ އެހެން ހުރިހާ ގައުމަކުގެ ވެރީން ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.

ސަރަހައްދީ ގައުމުތަކުގެ އިސް ވެރިންނަށް ދައުވަތު ދެއްވައި މޯދީ އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮރޯނާ ވައިރަހާ ދެކޮޅަށް ސާކްގެ ގައުމުތަކުން އެކުގައި މަސައްކަތްކޮށް، ދުނިޔެއަަށް ނަމޫނާ ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ކޮންފަރެންސްގައި ކޮރޯނާވައިރަހާ ދެކޮޅަށް ސާކް ގައުމުތަކުން އަމަލުކުރާނެ ސަރަހައްދީ ސިޔާސަތެއް އެކުލަވާލަން މަޝްވަރާކުރުމަށް ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓެލެކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ސާކްގެ އަށް ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ޕާކިސްތާނުން ބައިވެރިވެވަޑައިގަންނަވާނީ އެގައުމުގެ ބޮޑުވަޒީރުގެ ހާއްސަ އެސިސްޓެންޑް، ޑރ. ޒަފަރު މިރްޒާއެވެ.

ބަންގްލަދޭޝްއިން އެގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ ބައިވެރިވެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ސްރީލަންކާ އާއި ބޫޓާނާއި ނޭޕާލާއި އަފްގާނިސްތާނުން ވެސް ވަނީ މޯދީގެ ދައުވަތު ގަބޫލުކޮށްފައެވެ.