ޚަބަރު

އިސްލާމް ދީނަށް ފުރައްސާރާ ކޮށް ޓުވީޓު ކުރާ މައްސަލައެއް ބަލަނީ

މަރިޔަމް ޝަހުދާ

ދީނަށް ފުރައްސާރަކޮށް ޓުވީޓު ކުރާ މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާ ހިލާފު ވާހަކަތައް ޓުވީޓް ކުރަމުންދާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕުގައި ފުލުހުން މިހެން ބުނެފަައި ވަނީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެ ނޫސްވެރިޔާ ވަނީ މިމަހު ނުވަ ވަނަ ދުވަހު ދޫކޮށްލާފައިވާ މުހައްމަދު ރުސްތަމް މުޖުތަބާ ދީނަށް ފުރައްސާރަ ކޮށްފައިވާ ޓުވީޓެއް ގްރޫޕުގައި ހިއްސާކޮށް އެކަން ނުބަލަނީތޯ ސުވާލުކޮށްފައެވެ.

ރުސްތުމް ހައްޔަރުކޮށްފައިވަނީ އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ދަނިކޮށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ކޯޓު އަމުރަށް ރުސްތަމް ދޫކޮށްލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށް، ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ރުސްތަމް ބަދަލު ކުރި ފަހުންނެވެ. އަދި އޭނާ ދޫކޮށްފައިވަނީ އޭނާގެ މައްސަލަ ކޯޓުގައި އޮއްވައި ކަމަށް ފުލުހުން ބުނެއެވެ.

ރުސްތަމްގެ މައްސަލަ ބެލުމަށްފަހު އޭނާއަށް ދައުވާ ކުރުމަށް ފުލުހުން އޭނާގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު 10 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ. އަދި ރުސްތަމް ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ބަދަލު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 14 ގައި ކަމަށް ފުލުހުން ބުނެއެވެ.

ރުސްތަމް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެމްޕެމްބަރު މަހުގެ 10 ވަނަ ދުވަހު ގދ. ތިނަދޫންނެވެ.