ޚަބަރު

ސިކްސް ސެންސަސް ލާމު ރިސޯޓުން މުވައްޒަފުން ފޭބުން މަނާކޮށްފައިވާ ކަމަށް ދެންނެވުނީ އޮޅުމަކުން: މަބްރޫކު

ސިކްސް ސެންސަސް ލާމު ރިސޯޓުން މުވައްޒަފުން ފޭބުން މަނާކޮށްފައިވާ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށް ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ކޮވިޑް 19ގެ ކޭސްތައް ފެނިފައިވާ ބައެއް ރިސޯޓުތަކުން މުވައްޒަފުން ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އޭރު މަބްރޫކު ފާހަގަކުރެއްވި ރިސޯޓުތަކުގެ ތެރޭގައި ސިކްސް ސެންސަސް ލާމު ރިސޯޓު ވެސް ހިމެނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު މަބްރޫކު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިކްސް ސެންސަސް ލާމު ރިސޯޓުން މުވައްޒަފުން ފޭބުން މަނާކޮށްފައިވާ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށާއި އެކުށަށް މައާފަށް އެދޭ ކަމަށެވެ.

އެހެންކަމުން މުވައްޒަފުން ފޭބުން މަނާކޮށްފައިވަނީ އަށް ރިސޯޓަކުންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓް، ބަތަލާ އައިލެންޑް ރިސޯޓް، ކުރަމަތި ރިސޯޓް، ސަމާ އައިލެންޑް ރިސޯޓް، ވިލަމެންދޫ އައިލެންޑް ރިސޯޓް، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް، ސަން އަކުއާ އިރުވެލި ރިސޯޓް އަދި އޮބްލޫ ސަންގެލި ރިސޯޓެވެ.

ކޮވިޑް 19 އާ ގުޅިގެން ސިކްސް ސެންސަސް ލާމު ރިސޯޓުގައި ވަނީ ހަތަރު ބިދޭސީއަކު އެކަހެރިކޮށް މޮނީޓާކުރަން ފަށައިފައެވެ. އެ ހަތަރު މީހުންނަކީ ރާއްޖެ އައުމުގެ ކުރިން ކައިވެނީގެ ހަފްލާއަކަށް ދިޔަ ހަތަރު މީހުން ކަމަށާއި އެ ހަފްލާއަށް ދިޔަ އެހެން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މިއަދު ރާއްޖެއިން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ނުވަވަނަ މީހަކު ފެނިފައެވެ. އެ ނުވަ މީހުންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއްޔެ މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.