މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އެމެރިކާގައި ކުއްލި ހާލަތު އިއުލާނުކޮށްފިއެވެ.
މުޅި އެމެރިކާގައި ކުއްލި ހާލަތު އިއުލާނުކުރެއްވީ ދާދި ދެންމެއަކު އެގައުމުގެ ރައީސް ޑޯނާލްޑް ޓްރަމްޕެވެ.
އެމެރިކާގައި ކުއްލި ހާލަތު އިއުލާނުކުރުމާއެކު، މި ބަލިން ސަލާމަތްވުމަށް 50 ބިލިއަން ޑޮލަރު ހަރަދު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކުއްލި ހާލަތުގެ ސަބަބުން އެގައުމުގެ ސްކޫލުތައް ބަންދުކޮށް، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމާއި، ގިނަމީހުން ބައިވެރިވެގެން ބާއްވާ ހަފްލާތައް ބޭއްވުން މަނާކުރެވޭނެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕު މިހާރު ވަނީ އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި އޮޕަރޭޝަންތައް ފަށަން އަމުރުކޮށްފައެވެ.
އެގައުމުން މިހާތަނަށް 1،875 މީހުންނަށް ކޮވިޑް 19 ޖެހިފައިވާ އިރު، ޖުމްލަ 41 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.