އަލީ ޔާމިން
ދުނިޔޭގެ އެކިކަންކޮޅުތުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސްއާ ގުޅިގެން 200 ޓަނަށްވުރެ ގިނަ ކަންނެލި ނުކިރި ކަންނެލި މަސްވެރިން ބަނދަރުތަކުގައި އެބަތިބި ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަނުން ބުނެފިއެވެ.
ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިޔަންގެ ބަޔާނުގައި ބުނެފައިވަނީ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަހުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯދަށް ލޮޅުން އަރަމުން ދާ މިދަނޑިވަޅުގައި ބޮޑުކަންނެލި މަސްވެރިންނަށް ނުހަނު ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އެގޮތުން މި ދުވަސްވަރު ކަންނެލި މަސް ގަންނަ ފަރާތްތަކުން ކަންނެލިގަތުން ދަށް ކޮށްފައި ވާތީއާއި މަސް ބޭރުކުރުމަށް ހުރަސްތައް ކުރިމަތިވަމުންދާތީ އެތައް ސަތޭކަ މަސްވެރި އާއިލާތަކެއްގެ އާމްދަނީ ހުއްޓުމަކަށް އައިސްފައިވާ ކަމުގައި އެ ޔޫނިއަނުން ބުނެއެވެ.
"މިވަގުތުވެސް 40 ހަށްވުރެ ގިނަ ކަންނެލި އޮޑި، 200 ޓަނަށްވުރެ ގިނަ ކަންނެލި ނުކިރި ބަނދަރުތަކުގައި ތިބިކަމީ މި ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެކެވެ. ބޮޑު ކަންނެލި މަސްވެރިކަމުން ނަފާލިބި ދިވެހިރާއްޖޭގައި ދިރިއުޅޭ 30 ހާހެއްހާ ރައްޔިތުންގެ ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދައިގެން ތިބެވޭނެ މަގަކަށް ކަންކަން ގެންދިއުމަށް ސަރުކާރަށާއި މަސްގަންނަ ފަރާތްތަކަށް ގޮވާލަމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދުނިޔޭގެ އިގުތިސާދު ރަނގަޅު، މަހުގެ ޑިމާންޑް ރަނގަޅު ވަގުތުތަކުގައިވެސް ބޮޑުކަންނެލި މަސްވެރީންނަށް ރަނގަޅު އަގެއްގައި މަސްކޮޅު ވިއްކައި ނުލެވޭ ކަމަށާއި، 2008އިން ފެށިގެން ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުގެ ސަބަބުން ފައިދާވެފައި ވަނީ، މުއްސަނދި، މަދު ވިޔަފާރިވެރިންނަށް އެކަނި ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ މަސްވެރީންނަށް އެމީހުންގެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދައިގެން އުޅެވޭ ވަރުގެ ފައިސާގެ ތަނަވަސްކަން ފޯރުކޮށްދެވޭނެ ވަރުގެ ގޮތްތަކެއް ހަމަޖައްސުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަންއަކީ ބޮޑުކަންނެލި މަސްވެރިކަމުގައި މަސައްކަތްކުރާ މަސްވެރިންނާއި، މަސްވެރި އާއިލާތަކާއި އޮޑިވެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޔޫނިއަންއެކެވެ.