ޚަބަރު

ހިޔާ ފުލެޓް ލިބޭ މީހުންގެ ލިސްޓް ވަރަށް އަވަހަށް އިއުލާން ކުރާނަން: މިނިސްޓްރީ

އަލީ ޔާމިން

ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް މިމަހުގެ ނިޔަލަށް އިއުލާނު ކުރެވޭވަރު ވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ، ހުޅުމާލޭގައި ކުރީ ސަރުކާރުން އިމާރާތް ކުރީ 6686 ފްލެޓް ކަމަށެވެ. އަދި އިމާރާތްކޮށްފައިވާ ފްލެޓަށް ވުރެ ގިނަ މީހުންނަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ދީފައިވާކަން ޝާމިން ފާހަގަކުރެއްވިއެވެ.

ޝާމިން ވިދާޅުވީ، ފްލެޓް ލިބުނު ކަމުގެ ލިޔުން ލިބުނު މީހުންގެ ހައްގުތައް ނުގެއްލޭ ގޮތުގެ މަތިން އެ މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން ހިޔާ ފެލްޓް ލިބޭ މީހުންގެ ލިސްޓް މިމަހުގެ ނިޔަލަށް އިއުލާނު ކުރެވޭވަރުވާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުރިމަތިލާން ކުރީ ސަރުކާރުން ހުޅުވާލުމުން އެކަމަށް އެދި 22،000 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ކުރިމަތިލައިފައެވެ. އެ ފުލްޓްތަކުގެ އަމަލީ މަސައްކަތް ނުނިމެނީސް ބައެއް ފަރާތްތަކަށް އެ ފްލެޓްތައް ލިބުނު ކަމުގެ ލިޔުން ކުރީ ސަރުކާރުން ހަވާލު ކުރިއެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ހިޔާ ފްލެޓުގެ ކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއް އުފައްދައިފައެވެ.

ރައީސް އޮފީހުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ޝަރުތު ހަމަވޭތޯ މިހާތަނަށް ބަލައި ސްކްރީން ކުރެވިފައިވަނީ 18،081 ފޯމެކެވެ. ފްލެޓު ކޮމިޓީން ބުނީ، އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ހައުސިން މިނިސްޓްރީގެ ހުރި ހިޔާ ޕްރޮގްރާމްގެ ފޯމުތައް އެކި ތަންތަނުން ހޯދައިގެން ގެނެސް އެކަށައެޅުން ކަމަށެވެ.