ޚަބަރު

ކޮވިޑް 19 : ނުވަ ރިސޯޓަކުން މުވައްޒަފުން ފޭބުން މަނާކޮށްފި

ކޮވިޑް 19 އާ ގުޅިގެން ނުވަ ރިސޯޓަކުން މުވައްޒަފުން ފޭބުން މަނާކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު އެ ރިސޯޓުތަކަކީ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކޭސްތައް ނުވަތަ ބަލީގެ އަލާމާތްތައް ހުރި މީހުން ފެނުނު ރިސޯޓުތައް ކަމަށެވެ.

މުވައްޒަފުން ފޭބުން މަނާކުރި ރިސޯޓުތަކަކީ ކުރެއްދޫ އައިލެންޑް ރިސޯޓް، ބަތަލާ އައިލެންޑް ރިސޯޓް، ކުރަމަތި ރިސޯޓް، ސަމާ އައިލެންޑް ރިސޯޓް، ވިލަމެންދޫ އައިލެންޑް ރިސޯޓް، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް، ސަން އަކުއާ އިރުވެލި ރިސޯޓް، އޮބްލޫ ސަންގެލި ރިސޯޓު އަދި ސިކްސް ސެންސަސް ލާމު ރިސޯޓެވެ.

"ކުރެއްދޫ، ބަތަލާ، ކުރަމަތި، ސަމާ އައިލެންޑް، ވިލިމަންދޫ، ރީތިރަށް، އިރުވެލި، ސަންގެލި، ސިކްސް ސެންސަސް. މި ރިސޯޓުތަކުގެ މުވައްޒަފުން، އެބޭފުޅުން މިހާރު ތިބި ރިސޯޓުގައި މަޑުކުރުމަށް އިތުރު ގޮތަކަށް ކަނޑައަޅަންދެން އެޗްޕީއޭގެ ފަރާތުން މިވަނީ އަންގާފައި،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ އެ ފިޔަވަޅުތައް އަޅުމުން އަންނަނީ ހަރުދަނާކަމާއެކު ރާއްޖޭގައި ކޮވިޑް 19 ފެތުރުން މަޑުޖެއްސުމަށްޓަކައި ކަމަށާއި ސަރުކާރުގެ އުންމީދަކީ އެ ފިޔަވަޅުތަކުގެ ސަބަބުން އެކަން ވެގެން ދިއުން ކަމަށެވެ.

މިއަދު ރާއްޖެއިން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ނުވަވަނަ މީހަކު ފެނިފައެވެ. އެ ނުވަ މީހުންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއްޔެ މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.