ޚަބަރު

ކޮވިޑް 19 : އަލާމާތްތައް ފެނުނު ދަރުމަވަންތަ ހޮސްޕިޓަލުގެ މުވައްޒަފު ބައްޔަށް ނެގެޓިވް، ގޭގައި އެކަހެރިވުމަށް އަންގައިފި

އަލީ ޔާމިން

ދަރުމަވަންތަަ ހޮސްޕިޓަލުގައި ކޮވިޑް 19ގެ އަލާމާތްތައް ފެނުނު މުވައްޒަފު ބައްޔަށް ނެގެޓިވްވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު ވިދާޅުވީ، ކޮވިޑް 19ގެ އަލާމާތްތައް ފެނުނު ދަރުމަވަންތަ ހޮސްޕިޓަލުގެ މުވައްޒަފުގެ ޓެސްޓުތައް ނެގެޓިވްވެފައިވާ ކަމަށާއި އެހެންކަމުން އެ މުވައްޒަފު ގޭގައި އެކަހެރިވުމަށް އަންގާފައިވާ ކަމަށެވެ.

ގޭގައި 14 ދުވަސް ވަންދެން އެކަހެރިވުމަށް އެ މުވައްޒަފަށް އެންގިނަމަވެސް އެ މުއްދަތުގައި އިތުރު އަލާމާތެއް ފެންނަ ނަމަ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހުންނަ ޑީއެޗް-11ގައި މިވަގުތު ފަރުވާދެމުން އަންނަ އެންމެ ފަރާތަކަށެވެ. އެއީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ 70 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ. އޭނާ ޑީއެޗް-11އަށް ބަދަލުކުރީ އޭނާގެ އުމުރަށް ބަލައި ގާތުން މޮނީޓާކުރަން ޖެހޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ފެންނާތީއެވެ.

މަބްރޫކް ވިދާޅުވީ، އެ ފަތުރުވެރިޔާގެ ހާލު ކުރިއަށްވުރެ ކުޑަކޮށް ދެރަ ކަމަށެވެ.

ރާއްޖެއިން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ނުވަ މީހަކު ފެނިފައެވެ. އެ ނުވަ މީހުންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއްޔެ މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.