އަލީ ޔާމިން
ކޮވިޑް 19ގެ އަލާމާތްތައް ހުރި ބަޔަކު ފެނިފައިވުމުން އޮޅުވެލި ބީޗް ރިސޯޓާއި ބ. ފެހެންދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.
މޮނީޓަރިން ހާލަތަކީ ކޮންޓެކްޓް ޓްރޭސިން ފުރިހަމަކުރެވެންދެން އެ ރަށަކަށް ނުވަތަ އެތަނަކަށް އަރައި ފޭބުން ވަގުތީގޮތުން މަޑުޖައްސާލުމެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު ވިދާޅުވީ އޮޅުވެލި ބީޗް ރިސޯޓުން ބައްޔަށް ޝައްކުކުރެވޭ ދެ ބިދޭސީއަކު އަދި ފެހެންދޫ އިން ބައްޔަށް ޝައްކުކުރެވޭ އެއް ބިދޭސީއަކު ފެނިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ފެހެންދޫއިން ބަލީގެ އަލާމާތްތައް ފެނުނީ އެރަށުގެ ގެސްޓް ހައުސްއަކަށް ދިޔަ ފަތުރުވެރިއެއްގެ ކިބައިން ކަމަށެވެ. އަދި އެ ދެ ރަށަށްވެސް ޑޮކްޓަރުންގެ ޓީމެއް ދަތުކުރަމުން އަންނަ ކަމަށާއި، ޑޮކްޓަރުން ކުރާނެ މައިގަނޑު މަސައްކަތަކީ ކޮންޓެކްޓް ޓްރޭސިންގެ އިތުރުން ސާމްޕަލްތައް ނެގުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ރާއްޖެއިން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ނުވަވަނަ މީހަކު ފެނިފައެވެ. އެ ނުވަ މީހުންނަކީ ވެސް ބިދޭސީންނެވެ.