ސަފާރީއެއްގައި ތިބި ދެ މީހުންގެ ފަރާތުން ކޮވިޑް 19ގެ އަލާމާތްތައް ފެނުމުން އެ ސަފާރީގައި އެމީހުން އެކަހެރިކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު ވިދާޅުވީ، ސަފާރީއެއްގައި ތިބި ދެ ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް 19ގެ އަލާމާތައް ފެނުމުން އެ ދެމީހުން އެ ސަފާރީގައި އެކެހެރިކޮށް، ސަފާރީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، އެ ސަފާރީއަށް ޑޮކްޓަރުންގެ ޓީމެއް ދަތުރުކުރަމުން އަންނަ ކަމަށެވެ. ޑޮކްޓަރުން ކުރާނެ މައިގަނޑު މަސައްކަތަކީ ކޮންޓެކްޓް ޓްރޭސިންގެ އިތުރުން ސާމްޕަލްތައް ނެގުން ކަމުގައި މަބްރޫކް ވިދާޅުވިއެވެ.
މިއަދު ރާއްޖެއިން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ނުވަވަނަ މީހަކު ފެނިފައެވެ. އެ ނުވަ މީހުންނަކީ ވެސް ބިދޭސީންނެވެ.
ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއްޔެ މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ