ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ހުރި މުހިންމު ލިޔެކުޔުމެއް ނައްތާލާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
މުއާޒް މިރޭ ކުރި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވަނީ ލެޔެކިޔުންތައް ނައްތާލާ ކަމަށް ވިދާޅުވެ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ކަންބޮޑުވުން ފާޅުކޮށްފައިވުމުންނެވެ.
މުއާޒް ވިދާޅުވީ ކުނީގެ ގޮތުގައި ބޭނުން ނެތިގެންދާ ކަރުދާސް ނައްތާލުމަށް، ޕޭޕާ ޝްރެޑާ އަބަދުވެސް ސަރުކާރު އޮފީސްތަކުގައި ހުންނާނެ ކަމަށާއި ފިތުނަވެރި، ބައިބައިވުން އުފެދޭ ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ހުރި މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތައެއް ނުލަން. ކުނީގެ ގޮތުގައި ބޭނުން ނެތިގެންދާ ކަރުދާސް ނައްތާލުމަށް، ޕޭޕާ ޝްރެޑާ އަބަދުވެސް ސަރުކާރު އޮފީސްތަކުގައި ހުންނާނެ. ފިތުނަވެރި، ބައިބައިވުން އުފެދޭ ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރަން،" އޭނާ ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ ބަޔަކު މަޖުބޫރު ކުރުވި ނަމަވެސް ސަރުކާރުގެ އެއްވެސް ލިޔުމެއް ނައްތާލައިގެން ނުވާނެ ކަމަށާއި ބަޔަކު މަޖުބޫރު ކުރުވިޔަސް އެކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
"މިއީ ޖިނާއީ ކުށްތައް. އެގޮތަށް ކަންތައް ނުކުރުމަށް އެކަންތައް ކުރާ ބޭފުޅުންނަށް އަޅުގަނޑުމެން އިލްތިމާސް ކުރަން. މާދަމާ ވެސް ހަމަ މިކަމަށް ޖަވާބުދާރީވާން ތިބޭނީ ތިބޭފުޅުން. އެއްގޮތަކަށް ވެސް ބަޔަކު މަޖުބޫރު ކުރުވި ނަމަވެސް، އެ މަޖުބޫރީ ހާލަތަށް ވަޑައިނުގަތުމަށާއި މިފަދަ ލިޔުންތައް ނައްތާނުލުމަށް އިލްތިމާސް ކުރަން،" މާރިޔާ ވިދާޅުވިއެވެ.