ޚަބަރު

ނޭޕާލުން ވިސާ ދޫކުރުން މަޑުޖައްސާލައި، ހިމާލަޔާ ފަރުބަދަ ސަރަހައްދު ބަންދުކޮށްފި

އަލީ ޔާމިން

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ނޭޕާލް ސަރުކާރުން ޓޫރިސްޓް ވިސާ ދޫކުރުން މަޑުޖައްސާލައި، ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓް ފަރުބަދަ ހިމެނޭގޮތަށް ހިމާލަޔާ ފަރުބަދަ ސަރަހައްދު ބަންދުކޮށްފިއެވެ.

ހިމާލަޔާ ފަރުބަދަ ސަރަހައްދަކީ ދުނިޔޭގެ އެންމެ އުސް 14 ފަރުބަދަ ހުންނަ ސަރަހައްދެވެ. އެ ފަރުބަދަތަކަށް އެރުމަށް ދޫކުރާ ހުއްދަ ދޫކޮށްގެން ޕާމިޓް ފީގެ ގޮތުގައި އަހަރަކު ތިން މިލިއަން ޕައުންޑްގެ އާމްދަނީއެއް އެ ގައުމުން ހޯދައެވެ.

ނެޕާލްގެ ސަރުކާރުން ކުރި އިއުލާނެއްގައި ބުނީ ޓޫރިސްޓް ވިސާ ދިނުމާއި ހިމާލަޔާ ފަރުބަދަތަކަށް އެރުމުގެ ހުއްދަ ދޫކުރުން މަޑުޖައްސާލާފައިވަނީ އަންނަ މަހުގެ 30ގެ ނިޔަލަށް ކަމަށެވެ. މި ނިންމުމާއެކު، މިހާތަނަށް ހުއްދަ ދޫކުރަން ނިންމާފައިވާ ފަރާތްތަކަށްވެސް ހުއްދަ ބާތިލުކުރެވޭނެ ކަމަށް ނޭޕާލް ސަރުކާރުން ބުންޏެވެ.

ނޭޕާލް ސަރުކާރުން ބުނީ ހިމާލަޔާ ފަރުބަދަތަކަށް އެރުމަށް ދޫކުރާ ހުއްދަ ދިނުން މަޑުޖައްސާލައިފައިވަނީ، އެ ފަރުބަދަތަކަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވުމުން ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުވުމުންނެެވެ.

އުސްމިނުގައި 8،848 މީޓަރު ހުންނަ މައުންޓް އެވަރެސްޓަށް އެރުމުގެ ހުއްދަ ލިބެނީ 8000 ޕައުންޑްގެ ފީއެއް އެގައުމުގެ ސަރުކާރަށް ދައްކައިގެންނެވެ.

ނޭޕާލުގައި މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވަނީ އެކަކެވެ.

ނޭޕާލުގެ ސަރުކާރުން ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަ ހަފްތާއިން ފެށިގެން އެގައުމުގެ ސްކޫލުތައްވެސް ބަންދުކުރަން ނިންމައިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ވަނީ ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރޭނެ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.