އަލީ ޔާމިން
ސިއްހީ ރިޕޯޓު ހުށަނޭޅިޔަސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ވިސާގެ މުއްދަތު އިތުރުކޮށްދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން އިއްޔެ ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން ދަތުރުފަތުރުކުރުން މަދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އެގޮތުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި، ވޯކް ވިސާ އަދި އެހެނިހެން ވިސާތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ އަލަށް ވޯކް ވިސާ އަދި އެހެނިހެން ވިސާއަށް އެދި ހުށަހަޅާ އިރު، މިހާރުވެސް އަމަލުކުރަމުން އަންނަ ގޮތުގެ މަތިން މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންނަމަ، 9199153 އަށް ގުޅުމަށް ވެސް އިމިގްރޭޝަނުން އެދެއެވެ.