ކޮވިޑް 19 އާ ގުޅިގެން އެބަލީގެ ފަރުވާއަށް ބޭނުންވާ މުހިއްމު ބޭސްތަކާއެކު އިންޑިއާގެ މެޑިކަލް ޓީމު ރާއްޖެ އަތުވެއްޖެއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ ސަރުކާރުން ފޮނުވި އެ މެޑިކަލް ޓީމު ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ޑޮކްޓަރުންނާއި ޕެރަމެޑިކުންނާއި ސްޕެޝަލިޓުން އަދި ޓެކްނީޝަނުން ހިމެނޭ އެ މެޑިކަލް ޓީމު ރާއްޖެ އައުމާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ ޓީމަށް މަރުހަބާ ދެންނެވުމަށް ޓުވީޓެއް ކުރައްވައިފައެވެ.
އެ ޓުވީޓުގައި ޝާހިދު ވިދާޅުވީ ކޮވިޑް 19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންޑިއާގެ މެޑިކަލް ޓީމު، ރާއްޖޭގެ ސިއްހީ ބޭފުޅުންނާއެކު މަސައްކަތްކުރާނެ ކަމަށެވެ. އަދި ޝާހިދު ވަނީ އިންޑިއާ އިން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖަޔަޝަންކަރަށް ޝުކުރު ދަންނަވައިފައެވެ.
ކޮވިޑް-19 އަށް ފަރުވާ ދޭން ބޭނުންވާ މުހިންމު ބޭސް ވެސް ރާއްޖެއަށް ހަދިޔާ ކުރަން އިންޑިއާ އިން ވަނީ ނިންމައިފައެވެ. އެފަދަ ބޭސްތައް އިންޑިއާއިން ބޭރުކުރުން މެދުކަނޑާލާފައި އޮތް ނަމަވެސް އެފަދަ ބޭސްތައް ރާއްޖެއަށް ހަދިޔާކުރަން ނިންމީ ރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ގާތް ގުޅުމުގެ ސަބަބުން ކަމަށް އިންޑިއާ އެމްބަސީން ވަނީ ބުނެފައެވެ.
ކޮވިޑް 19 ޗައިނާގައި އެންމެ ގަދައަށް ފެތުރެން ފެށިއިރު އެގައުމުގެ ވުހާންގައި ތާށިވި ދިވެހިން އެގައުމުން ނެރެ އިންޑިއާއިން ވަނީ ދެ ފަހަރެއްގެ މަތިން މަސައްކަތް ކޮށްދީފައެވެ. އެގޮތުން އެމީހުން ޗައިނާއިން ނެރެގެން ގެންގޮސް އިންޑިއާގައި ކަރަންޓީން ކޮށް ރާއްޖެ ފޮނުވައިދީފައިވެއެވެ.