އަލީ ޔާމިން
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ސާކްގެ ގައުމުތަކުން އަމަލުކުރާނެ ސްޓްރެޓަޖީއެއް އެކުލަވާލަން މަޝްވަރާކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މިއަދު ދެއްވި ދައުވަތު ރާއްޖެއިން ގަބޫލުކޮށްފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ވައިރަހާ ގުޅިގެން ސާކްގެ ގައުމުތަކުން މަސައްކަތް ކުރުމަށް ހުށަހަޅުއްވާ ކަމަށާއި އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަޝްވަރާ ކުރެވިދާނެ ކަމަށެވެ.
މޯދީ ވިދާޅުވީ ޝާކުގެ ގައުމުތަކުން އެކުގައި މަސައްކަތްކޮށްގެން މުޅި ދުނިޔެއަށް ނަމޫނާ ދެއްކިދާނެ ކަމަށެވެ.
މޯދީ މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، ކޮރޯނާވައިރަހުގެ ނުރައްކަލުގެ ސަަބަބުން ދެކުނު އޭޝިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ނުފޮރުޅާ އެންމެ ގަލެއްވެސް ބާއްވައިގެން ނުވާނެ ކަމަށެވެ.
މޯދީގެ އެ ދައުވަތު ގަބޫލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި އިންޑިއާއިން އިސްނެގީތީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކޮރޯނާ ވައިރަސްއާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތެއްގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރުން ސްރީލަންކާއާއި ބޫޓާނުންވެސް ވަނީ މޯދީގެ ދައުވަތު ގަބޫލުކޮށްފައެވެ.
ޝާކްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ކޮވިޑް 19އަށް މީހުން ޕޮޒިޓިވްވެފައިވަނީ އިންޑިއާއިންނެވެ. އެގޮތުން އެގައުމުން 75 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ޕާކިސްތާނުގައި 20 މީހަކަށް ވައިރަސް ޖެހިފައިވާއިރު، ބަންގްލަދޭޝަންގައި ތިން މީހަކަށް، އަފްގާނިސްތާނުގައި ފަސް މީހަކަށް އަދި ސްރީލަންކާގައި ދެ މީހަކަށް ވަނީ ވައިރަސް ޖެހިފައެވެ. ބޫޓާނާއި ނޭޕާލުގެ އެކަކަށް ކޮވިޑް 19 ޖެހިފައިވާއިރު ރާއްޖެއިން މިހާތަނަށް ނުވަ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.