ޚަބަރު

ރާއްޖޭން އިތުރު މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު ނުވަޔަކަށް އަރައިފި

ރާއްޖޭން އިތުރު މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ޓެސްޓު ހެދުމަށް ސާމްޕަލް ނެގި އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ބިދޭސީއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެކަހެރިކުރުމަށް ކޮންޓެކްޓް ޓްރޭސިން އިން 11 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އެމީހުން މޮނީޓަރިންގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވްވި އެމީހާއަކީ ރާއްޖޭން އެ ބައްޔަށް ޕޮޒިޓިވްވި ނުވަވަނަ މީހާއެވެ. މިހާތަނަށް ޕޮޒިޓިވްވި ނުވަ މީހުންނަކީ ވެސް ބިދޭސީންނެވެ.

އެ ބައްޔަށް ޕޮޒިޓިވްވި ނުވަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި ހަތަރު މީހުންނެވެ. ސޭންޑީ ބަތަލާ އަދި ކުރަމަތި ރިސޯޓު، އެއިން ކޮންމެ ރިސޯޓަކުން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.