ހަ އަހަރުގެ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ޑޮކްޓަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ހަ އަހަރުގެ ފިރިހެން ކުއްޖަކަށް ސްޕީޗް ތެރަޕީ ދޭ ޑޮކްޓަރަކު އެ ކުއްޖާގެ ކަންފަތުގައި ހިފައި އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ރޭ 10:56 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ބެލި ބެލުމުން އެ ޑޮކްޓަރު ކުއްޖާއަށް ތެރަޕީ ދެނީ އަމިއްލަ ހައިސިއްޔަތުން (ޕްރައިވެޓް ޕްރެކްޓިސްގެ ތެރެއިން) ކުއްޖާގެ ގޭގައި ކަމަށާއި އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައިގެ ތުހުމަތުގައި ރޭ ދަންވަރު 2:45 ހާއިރު ކޯޓު އަމުރެއްގެ ދަށުން އެ ޑޮކްޓަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ޑޮކްޓަރަކީ 34 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.