ސަން އަކުވާ އިރުވެލި ރިސޯޓާއި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު އަދި ވިލަމަންދޫ ރިސޯޓުން ޓެސްޓުކުރި މީހުންގެ ނަތީޖާ ނެގަޓިވް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ދަރުބާރުގޭގައި ރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އިރުވެލި ރިސޯޓުގެ ސާމްޕަލް ނަތީޖާ މިވަގުތަށް ނެގަޓިވް ކަމަށާއި ނަމަވެސް ދެވަނަ ސާމްޕަލްއެއް ނަގައި ނަތީޖާ ލިބެންދެން އޭނާ އެކަހެރިކޮށްފައި ބަހައްޓާނެ ކަމަށެވެ.
އޭގެ އިތުރުން ރީތިރަށް ރިސޯޓާއި ވިލަމަންދޫ ރިސޯޓުން ސާމްޕަލް ނެގި މީހުންގެ ނަތީޖާ ވެސް ނެގަޓިވް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދެއެވެ. އެއިން ކޮންމެ ރިސޯޓަކުން ވެސް ޓެސްޓުކޮށްފައިވަނީ އެންމެ މީހެކެވެ.
އިއްޔެ ވަނީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ބިދޭސީއަކާއި ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ފަތުރުވެރިޔަކާ "ކްލޯސް ކޮންޓެކްޓް" ވެފައިވާ ދިވެއްސަކު ޓެސްޓުކުރުމަށް ސާމްޕަލް ނަގައިފައެވެ. އަދި ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަހެރިކޮށްފައި ތިބި ދިހަ މީހެއްގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން އިއްޔެ އެމީހުންގެ ސާމަޕަލް ވެސް ވަނީ ނަގައިފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.
ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއްޔެ މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.