ޚަބަރު

ޕެޑުގެ އިތުރުން ޑައިޕާސް އިންވެސް ޓެކްސް ކަނޑާލަން ޖެހޭ : މެންބަރުން

އަހުމަދު ޖައިޝަން

1

އަންހެނުން ބޭނުންކުރާ ސެނިޓެރީ ނެޕްކިންސް ނުވަތަ ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަށް ބިލެއް ހުށަހަޅާފައިވާއިރު ޑައިޕާސް ނުވަތަ ނެޕީން ނަގާ ޓެކްސްވެސް ކަނޑައިލަން ޖެހޭނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

ޕެޑުން ނަގާ ޓެކްސް ހުއްޓާލުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ ކުޑަކުދިން ޖަހާ ނެޕީއަކީވެސް ޓެކްސް ނެގުން ހުއްޓާލަން ޖެހޭ އެއްޗެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ އިސްލާހުގެ ތެރެއިން ނެޕީގެ ޓެކްސް ނެގުން ހުއްޓާ ނުލެވޭ ކަމުގައިވާނަމަ ސަރުކާރުން ވަކީން ހުށަހަޅައިގެން ނަމަވެސް ނެޕީގެ ޓެކްސް ނެގުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ނެޕީ އިން ޓެކްސް ނެގުން ހުއްޓާލަން ޖެހޭ. އެއީ ބޭސިކް ނެސެސިޓީއެއް،" ރޮޒައިނާ ވިދާޅުވިއެވެ.

އެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވިދާޅުވީ ޕެޑުން ޓެކްސް ނެގުން ހުއްޓުމަށް ގާނޫނަށް ބަދަލު ގެންނަައިރު އެ ބިލުގައި އިތުރު އައިޓަމެއް ހިމަނަން ޖެހޭ ކަމަށެވެ. އެއީ ބޮޑެތި މީހުންނާއި ބަލި މީހުން ޖަހާ ނެޕީ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަދި މުދަލުން ޓެކްސް ނެގުން ހުއްޓާލުމުން އެތަކެތި އަގުހެޔޮކޮށް ވިއްކޭނެ ގޮތެއް ބެލުމަށް ހާއްސަ ނިޒާމްތަކެއް އެކުލަވާލަން ޖެހޭ ކަމަށް އަނާރާ ފާހަގަކުރެއްވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟