ޚަބަރު

ގއ. ވިލިނގިލީގައި ޒުވާނަކު މަރުވި މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލީގައި ޒުވާނަކު މަރުވި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ފަތިހު 5:00 އެހާ އިރު، 24 އަހަރުގެ ދިވެހި ޒުވާނަކު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ހަ މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 24 އަހަރު ދެ މީހަކާއި 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، މަރުވެފައި ވަނީ، ވިލިނގިލީ ހައިޑްޕާކް، މުހައްމަދު މުސްތަފާ ނަމަކަށް ކިޔާ ޒުވާނެކެވެ.

މި ޒުވާނާ މަރުވެފައި ވަނީ ޑްރަގް އޯވަޑޯޒް ވެގެން ކަމަށް އަޑުތައް ފެތުރިފައި ވީ ނަމަވެސް އެކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ޔަގީންކޮށެއް ނުދެ އެވެ.

މުއުތަބަރު ފަރާތަކުން "ވަން" އަށް މައުލޫމާތު ދިން ގޮތުގައި، ރޭ ދަންވަރު މުހައްމަދު މުސްތަފާ އާއި އޭނާގެ ރައްޓެހި އެހެން ޒުވާނުންތަކެއް ތިބީ ވިލިނގިލީ ގެސްޓްހައުސްއެއްގެ ތެރޭގަ އެވެ. އަދި އެމީހުން ތިބީ ޕާޓީ ޑްރަގު ބޭނުންކުރަން ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކަމަށް އޭނާ ބުންޏެވެ.

"މުސްތަފާގެ ހާލު ބޮޑުވެގެން އޭނާއާ އެކު ދެން ތިބި ހަތަރު މީހުން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ، ގޮސް އެމީހުން މުސްތަފާ ބޭއްވި ކަމަށް ކިޔަނީ ހޮސްޕިޓަލު ބޭރުގަ ހުންނަ ގޮނޑިތައް މަތީ. ބާއްވާފަ އެ ހަތަރު މީހުން ފިލައިގެން ދިޔަ ކަމަށް ކިޔަނީ. އޭރު މުސްތަފާ އޮތީ މަރުވެފަ." ވަން އަށް މައުލޫމާތު ދިން ވިލިނގިލީ މީހަކު ކިޔައިދިނެވެ.

ޕާޓީ ޑްރަގްސް ބޭނުންކުރުން ދިވެހި ޒުވާނުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރީން ހުޅުމާލޭގައި ވެސް ޒުވާނުންތަކެއް ޕާޓީ ޑްރަގްސް ބޭނުންކުރަން ތިއްބައި އޭގެން އެކަކު އޯވަޑޯޒް ވެގެން މަރުވެފައި ވެއެވެ.

ވިލިނގިލީގައި މަރުވި ޒުވާނާގެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.