ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ބިދޭސީއަކު ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް 19 ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ބިދޭސީ މީހާ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގައި އެކަހެރިކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެމީހާގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަހެރިކޮށްފައި ތިބި ދިހަ މީހެއްގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން މިއަދު އެމީހުންގެ ސާމަޕަލް ވެސް ވަނީ ނަގައިފައެވެ. އަދި ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ފަތުރުވެރިޔަކާ "ކްލޯސް ކޮންޓެކްޓް" ވެފައިވާ ދިވެއްސަކު ޓެސްޓުކުރުމަށް މިރޭ އޭނާގެ ސާމަޕަލް ނަގައި، ޓެސްޓުގެ ނަތީޖާ ލިބެންދެން އޭނާ ވަނީ ގޭގައި އެކަހެރިކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.
ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިއަދު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.