ޚަބަރު

މާލޭގެ ޕާކުތަކާއި މައިޒާންތައް ބަންދުކޮށްފި

އަލީ ޔާމިން

ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މާލޭގެ ޕާކްތަކާއި މައިޒާންތައް މިއަދުން ފެށިގެން މާލޭ ސިޓީ ކައުންސިލުން ބަންދުކޮށްފިއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކް އަދި އެހެނިހެން ޕާކްތަކާއި މައިޒާންތައް މިއަދުން ފެށިގެން އާންމުންނަށް ބަންދުވާނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ޓޫރިސްޓް ދެމަފިރިއަކާއި ކުރަމަތި އައިލެންޑް ރިސޯޓަށް އައިސް ތިބި ޓޫރިސްޓް ދެމަފިރި އެކެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިއަދު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ. އެއާއެކު އިލެކްޝަން ކޮމިޝަނުން ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. ކުރިން އެ ދެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.