ޚަބަރު

އިންތިހާބު ފަސްކުރަން ޖެހޭނީ މުއްދަތެއް ނެތް ގޮތަށް: ޕްރޮގްރެސިވް ކޯލިޝަން

އަލީ ޔާމިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ކޮރޯނާވައިރަސްގެ ނުރައްކަލުގެ ސަބަބުން މިއަދު ހެލްތު މިނިސްޓްރީން ވަނީ މުޅި ރާއްޖެއަށް 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެއާއެކު އަންނަ މަހު ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ދެ އިންތިހާބު ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އަންނަ މަހުގެ 18އަށް އިންތިހާބު ފަސްކުރުމަކީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ހ)އާ ފުށޫއަރާ ކަމެއް ކަމަށެވެ. އެގޮތުން އެ ދުވަހު އިންތިިހާބު ބާއްވައިފިނަމަ ކެމްޕޭން ކުރުމަށް ކެންޑިޑޭޓުންނަށް އެކަށީގެންވާ ވަގުތު ނުލިބޭނެކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

"30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކުރީމަ އެ މުއްދަތު މި ހަމަވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހަށް. ބާކީ ކެމްޕޭން ކުރުމަށް މި ލިބެނީ އަށް ދުވަސް. އެހެންކަމުން އެއީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތުން އެންމެ ރަނގަޅަށް ކުރެވޭ ކަމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި (ހ) ގައި އިންތިހާބު ބޭއްވުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ހިމަނާފައިވާ ކަމަށާއި އެކަންކަން އެންމެ އަށް ދުވަހުގެ މުއްދަތެއްގައި ފުރިހަމަވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ދެކޭ ގޮތުގައި އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރަން ވާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަށް ފަހުގައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ މި އިންތިހާބު ފަސްކުރަން ޖެހޭނީ މުއްދަތެއް ނެތް ގޮތައް ކަމަށް. މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ފަހު އެސްއޯއީ ނެގުމަށް ފަހު ދެން އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރަން ޖެހޭ ކަމަށް އަޅުގަނޑުމެން އިދިކޮޅު ކޯލިޝަނުން ދެކެނީ،" އިންތިހާބު ފަސް ކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، އަންނަ މަހު 18 ވަނަ ދުވަހަކީ، ގާނޫނުގައި ބުނާގޮތުން އިންތިހާބު ފަސް ކުރެވޭނެ އެންމެ ފަހުގެ ތާރީހު ކަމަށެވެ. އަދި އޭގެ ފަހުން އިންތިހާބު ފަސް ކުރެވޭނީ ކޯޓުގެ އަމުރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތައް ފަސްކޮށްފައި މިވަނީ ރާއްޖެއިން ކޮރޯނާވައިރަހަށް އަށް ފަރާތެއް ޕޮޒިޓިވްވުމާ ގުޅިގެން އިންތިހާބު ފަސް ކުރަން އާންމުންގެ އިތުރުން ބައެއް ސިޔާސީ ޕާޓީތަކުން ގޮވާލައިފައިވާ ދަނޑިވަޅެއްގައެވެ.