ކޮވިޑް 19 ޓެސްޓުގެ ނަތީޖާ ލިބެންދެން ދިވެއްސަކު ގޭގައި އެކަހެރިކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެ ދިވެހި މީހާއަކީ ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ފަތުރުވެރިޔަކާ "ކްލޯސް ކޮންޓެކްޓް" ވެފައިވާ މީހެއް ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހާގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާ ވަނީ ގޭގައި އެކަހެރިކޮށްފައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކުރަމަތި އައިލެންޑް ރިސޯޓުން ވަނީ ކޮވިޑް 19 ޖެހިފައިވާ ދެ މީހަކު ފެނިފައެވެ. ކޮވިޑް 19 އާ ގުޅިގެން އަރައި ބޭފުން މަނާކުރި ތިން ރިސޯޓުގެ ތެރޭގައި ވެސް ކުރަމަތި ރިސޯޓު ހިމެނެއެވެ. ނަމަވެސް މިހާރު އެ ތިން ރިސޯޓު ވެސް ވަނީ ހުޅުވައިފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.
ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިއަދު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.