ޚަބަރު

މިދުވަސްވަރު އިންކަމް ޓެކްސް ނެގުން މަޑުޖައްސާލައި، ވިޔަފާރިތަކުން ނަގާ ޓެކްސްތަކަށް ލުޔެއް ދޭން ޖެހޭ: އުމަރު

އަލީ ޔާމިން

1

ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ މި ދަނޑިވަޅުގައި ޓެކްސްތަކަށް ލުޔެއް ދިނުން މުހިންމު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ވަން"އަށް ދެއްވި އިންޓަވިޔުއެއްގައި އުމަރު ވިދާޅުވީ، ރާއްޖޭގައި ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކުން އެކި ނަންނަމުގައި ސަރުކާރުން ނަގަމުން އަންނަ ޓެކްސްތަކަށް ލުޔެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ގުޑް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) އާއި ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އާއި އިމްޕޯޓް ޑިއުޓީ އާއި ޕެންޝަން އަދި ބިދޭސީން ގެންގުޅޭ ނަމަ ނަގާ ޓެކުހަށް ލުޔެއް ދޭން ޖެހޭ ކަމަށެވެ. އަދި އިންކަމް ޓެކްސް ނެގުން މަޑުޖައްސާލުން މުހިންމު ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"ރާއްޖޭގައިވެސް ޓެކްސް ބްރޭކްތަކެއް މިގަޑީގައި ދޭން ޖެހޭނެ. އެހެން ނޫންނަމަ ރިސޯޓުތަކަށް ވަރަށް ބޮޑު ދަށްޗަކަށް ވާނެ، ބައެއް ކުންފުނިތަށް ބަނގުރޫޓުވެސް ވާނެ" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ސަރުކާރުން ވިޔަފާރިވެރިންގެ އަތުން ހިންދެމިނުލެވޭ ވަރަށް ޓެކްސްތައް ނަގާކަމުގައި ވަނީނަމަ އެ ވިޔަފާރިތަކެއް ކުރިއެއް ނާރާނެ ކަމަށެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ، މިދުވަސްވަރު ބޭރުގެ ލޯނު އެހީ ހޯދުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށާއި މިވަގުތަށް އެންމެ މުހިންމު ކަމަކީ އެތެރޭގެ ހަރަދުތައް ކުޑަކޮށް ވިޔަފާރިތަކަށް ޓެކުހުގެ ތެރެއިން ލުޔެއް ދިނުން ކަމަށެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ ބޭންކުތަކުންވެސް ވިޔަފާރިންނަށް ލުއި ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ފެތުރޭތީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާ ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އަދި އާމްދަނީ ހަތް ބިލިއަނާ ގާތަށް ދަށްވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟