ޚަބަރު

ތިން ރިސޯޓުން 246 ފަތުރުވެރިޔަކު ފުރުވާލައިފި

އަލީ ޔާމިން

ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުން ފެނުނު ތިން ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން މިހާތަނަށް 246 މީހަކު އެމީހުންގެ ގައުމުތަކަށް އަނބުރާ ފުރުވާލާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ކުރެއްދޫ އައިލެންޑް ރިސޯޓުން 104 ފަތުރުވެރިން، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން 15 އަދި ކުރަމަތި އައިލެންޑް ރިސޯޓުން 127 ޓޫރިސްޓަކު މިހާތަނަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

އެ ތިން ރިސޯޓު ވަނީ ރެއިން ފެށިގެން ހުޅުވާލައިފައެވެ.

މަބްރޫކް ވިދާޅުވީ، އެ ރިސޯޓުތަކުން މީހުން ބާލަނީ ނުވަތަ ފުރުވައިލަނީ "އެގްޒިޓް ސްކްރީނިން" ހެދުމަށް ފަހު ކަމަށެވެ. އަދި އެ ތިން ރިސޯޓުގައި ހާއްސަ ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޑޮކްޓަރުން ކުރަމުން ގެންދާ މައިގަނޑު މަސައްކަތަކީ ހައި ރިސްކް އަދި ލޯ ރިސްކް މީހުން ދެނެގަތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، ކުރެއްދޫ އާއި ބަތަލާ އަދި ކުރަމަތި ރިސޯޓުގައި ހަރަކާތްތެރިވާ ޑޮކްޓަރުން ގެންދަވަނީ "ހައި ރިސްކް" އަދި "ލޯ ރިސްކް" ވަޒަން ކުރުމަށް ފަހު އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވަނީ އަށް މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.