ޚަބަރު

އެކްސްކާޝަނަށް ދިއުން ހުއްޓާލުމަށް އެޗްޕީއޭ އިން އަންގައިފި

4

ކޮވިޑް 19 އާ ގުޅިގެން އެކްސްކާޝަނަށް ދިއުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް 19 އާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަނަށް ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިން ރިސޯޓުތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކާޝަނަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށް ދަންނަވާ ކަމަށެވެ.

"ފެތުރެމުންދާ ކޮވިޑް 19 ރޯގާއާ ގުޅިގެން، މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަނަށް ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިން ރިސޯޓުތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކާޝަނަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށް ދަންނަވަމެވެ..،" އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭ އިން ބުނީ މި ބަލި ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އާންމު ފަރުދުންނާއި، ކުންފުނިތަކުންނާއި ފަތުރުވެރިން ވެސް ސަމާލުވެ، އެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށް ދަންނަވާ ކަމަށެވެ. އަދި އެކަމުގައި މިހާތަނަށް ހުރިހާ ފަރާތްތަކުން ލިބިފައިވާ އެއްބާރުލުން ފާހަގަކޮށް އެޗްޕީއޭ އިން ވަނީ ޝުކުރު ދަންނަވައިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިއަދު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟