އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން ޗައިނާ ސަރުކާާރުގެ ފަރާތުން ފޯރުކޮށްދޭން ބުނި އެހީ ދިވެހި ސަރުކާރުން ބަލައިނުގަތް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ރާއްޖޭގައި ހުންނަ އެގައުމުގެ ސަފީރު ޒޭންގް ލިޒްހޮންގް ދޮގުކުރައްވައިފިއެވެ.
ޗައިނާ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއާއި ޗައިނާގެ ހާލަތާ މެދު ރާއްޖޭގެ ކެބިނެޓް މިނިސްޓަރުންނާއެކު ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދިވެހިން ޗައިނާއާ މެދުގައި ބަހައްޓާ ހަމްދަރުދީއާއި ގާތްކަން އިހުސާސްކުރެވޭ ކަމަށާއި، އެފަދައިން ޗައިނާއިންވެސް ދިވެހިންނާމެދުގައި ދެކޭ ކަމަށް ޗައިނާ ސަފީރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުން ޗައިނާގެ އެހީއެއް ބަލައިނުގަތްކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ސަފީރު ވިދާޅުވެފައިވެއެވެ.
އެބޭފުޅާ މިހެން ވިދާޅުވި ނަމަވެސް ކޮވިޑް 19އާ ގުޅިގެން ޗައިނާ ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭން ހުށަހެޅި އެހީ ދިވެހިރާއްޖެއިން ގަބޫލުނުކުރިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.
ކޮވިޑް 19އަށް ރާއްޖޭން އަށް ބިދޭސީން ޕޮޒިޓިވް ވެފައިވާއިރު މިއަދު ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.