ބ. އޭދަފުށީގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ކުއްޖާ މާލެ ގެނައުމުގެ މަސައްކަތް ކުރަން ފަށާފައިވަނީ ބ އަތޮޅު ހޮސްޕިޓަލުގައި އެ ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށެވެ.
"ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ބ އަތޮޅު ހޮސްޕިޓަލުގެ އެސިސްޓަންޓް މެޑިކަލް ރިޕޯޓް އޮފިސަރު މުހައްމަދު ހަމްދޫން ވިދާޅުވީ ދަތުރު ނުކުރެވޭ ވަރަށް އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ. އަދި މިހާރުވެސް އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އިންކިއުބޭޓަރުގައި ކަމަށް ހަމްދޫނު ވިދާޅުވިއެވެ.
ގެނބުމުގެ ސަބަބުން ފަރުވާދެމުން އަންނަނީ 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ކުއްޖާ ގެނބިފައިވަނީ އޭދަފުށީ ހުޅަނގު ފަރާތު ދޯނި އެހެލާ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި އެކުއްޖާ ގެނބުމުން ސަލާމަތް ކޮށްފައިވަނީ އާންމު ފަރާތަކުން ކަމަށް ފުލުހުން ބުނެއެވެ.