ޚަބަރު

ކުރެއްދޫގައި އެކަހެރިކޮށްފައި ތިބި ދިހަ މީހެއްގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ޓެސްޓުކުރަނީ

ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަހެރިކޮށްފައި ތިބި ދިހަ މީހެއްގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން އެ މީހުން ޓެސްޓުކުރަން ނިންމައިފިއެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ ކުރެއްދޫގައި އެކަހެރިކޮށްފައި ތިބި އެ ދިހަ މީހުންގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން އެންމެ ފުރަތަމަ އަރައި ނުފޭބޭ ގޮތަށް ބަންދުކުރި ރަށެވެ. އެއީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް އިޓަލީއަށް ދިޔަ ޓޫރިސްޓެއްގެ ގައިން ކޮރޯނާވައިރަސް ފެނުނުކަން އެ ގައުމުން އެންގުމާ ގުޅިގެންނެވެ.

އެއަށްފަހު ކޮރޯނާއަށް ޕޮޒިޓިވްވި ޓޫރިސްޓް މީހާއާ ކޮންޓެކްޓްވި އެންމެން ހޯދައި ބެލި ބެލުމުން އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. އަދި އިތުރު ބައެއްގެ ސާމްޕަލްތަކެއް ނަގައި ހެދި ޓެސްޓުތަކުން އިތުރު ދެ ބިދޭސީއަކު މިދިޔަ ހޯމަ ދުވަހު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ރިސޯޓުގައި 90 އަށްވުރެ ގިނަ މީހުން ވަނީ އެކަހެރިކޮށްފައެވެ.

ކޮވިޑް19 ޖެހިފައި ތިބި މީހުން ފެނިގެން އަރައި ފޭބުން މަނާކުރި ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އަދި ކުރަމަތި ރިސޯޓަށް އަރައި ފޭބުން މަނާކުރި ކުރުން ނިމުމަކަށް ގެނެސް ތިން ރިސޯޓު ވެސް މިހާރު ވަނީ ހުޅުވައިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިއަދު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.