ޚަބަރު

ސްކޫލުތައް ބަންދުކުރި ނަމަވެސް ދަރިވަރުންނަށް ކިޔަވައިދެވޭނެ ގޮތް މިދަނީ ހަމަޖައްސަމުން: އެޑިއުކޭޝަން

އަލީ ޔާމިން

1

ކޮވިޑް 19 ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން އެއް ހަފްތާ ފަހުން ހުޅުވާ ގޮތަށް ފަސްކުރި ނަމަވެސް އެ މުއްދަތުގެ ތެރޭގައި، ދަރިވަރުންނަށް ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި ނޫސްބަޔާނުގައި ބުނީ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް 19 ބަލިމަޑުކަމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 15 މާޗު 2020 އިން 19 މާޗު 2020އަށް ސްކޫލުތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން ވަނީ މެދުކަނޑާލައިފައި ކަމަށެވެ. އަދި މި މުއްދަތުގައި އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރު ނުކުރެވޭނެ ކަމަށާއި ނަމަވެސް މި މުއްދަތުގައި ދަރިވަރުންނަށް ފިލާވަޅު ލިބޭނެ ގޮތް އިންތިޒާމު ކުރެވޭނެ ކަމަށެވެ.

ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނީ ޕީއެސްއެމްގެ ޗެނަލަކުންނާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށް ބަޔާނުގައިވެއެވެ.

"އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދެވޭނީ އެޑުޔުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށެވެ. އަދި އިތުރު ރިސޯސަސްތައް އެކަމަށް ހާއްސަކުރެވިފައިވާ ވެބްޕޯޓަލްއާއި ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެއެވެ." އެޑިއުކޭޝަންގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ބަޔާނުގައި ބުނީ އެ ވަސީލަތްތައް މެދުވެރިކޮށް ހުރިހާ ގްރޭޑްތަކުގެ ފިލާވަޅު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުންނާއި އޭ.އެސް ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް މިމަހު 15އިން ފެށިގެން އެ ވަސީލަތްތައް މެދުވެރިކޮށް ލިބޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟