ޚަބަރު

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އޮބްލޫ ސަންގެލި ރިސޯޓުގެ ދެ ބިދޭސީއަކު ޓެސްޓުކުރަނީ

ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އޮބްލޫ ސަންގެލި ރިސޯޓުން ދެ ބިދޭސީއަކު ޓެސްޓުކޮށް އެ ރިސޯޓު މޮނިޓަރިން ހާލަތަށް ލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ އޮބްލޫ ސަންގެލި ރިސޯޓުން ދެ ބިދޭސީއަކު ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނާތީ އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓް މޮނިޓަރިންއަށް ލާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޮބްލޫ ސަންގެލި ރިސޯޓުގެ އިތުރުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ސަން އަކުއާ އިރުވެލި ރިސޯޓުން ބިދޭސީއަކު ޓެސްޓުކޮށް އެ ރިސޯޓު ވެސް ރޭ ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

ކޮވިޑް19 ޖެހިފައި ތިބި މީހުން ފެނިގެން އަރައި ފޭބުން މަނާކުރި ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އަދި ކުރަމަތި ރިސޯޓަށް އަރައި ފޭބުން މަނާކުރި ކުރުން ނިމުމަކަށް ގެނެސް ތިން ރިސޯޓު ވެސް މިހާރު ވަނީ ހުޅުވައިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިއަދު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.