ޚަބަރު

ގައިދީންގެ އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލައިފި

މަރިޔަމް ޝަހުދާ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ކަރެކްޝަނަލް ސާވިސްއިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި މި ނިންމުމަކީ އެ ސާވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދުގައި ތިބި މީހުން އަދި ޖަލުތަކުގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެފައިވެއެވެ. އަދި މި ނިންމުމަކީ ހެލްތު މިނިސްޓްރީން ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ނިންމި ނިންމުމެއް ކަމަށް އެ ސާވިސް އިން ބުނެއެވެ.

އާއިލީ އަދި އެކަހެރި ބައްދަލުވުންތަކުގެ އިތުރުން ޖަލުތަކުގައި ތިބި ގައިދީންނާއި ބަންދު މީހުންނަށް އާއިލާގެ ފަރާތުން އަންނައުނު ފޯރުކޮށްދިނުންވެސް ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. ނަމަވެސް އާއިލާއާ އޮންނަ ގުޅުން ބަދަހިކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން މިހާރު ފޯނު ކޯލު ދެމުންދާ މިންވަރު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ކަރެކްޝަންސްގެ މިބަޔާނުގައިވެއެވެ.

ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މިއަދު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. މިއީ ރާއްޖެއިން ކޮވިޑް 19 ފެނުމާ ގުޅިގެން ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ. އެގޮތުން މިހާތަނަށް ކޮވިޑް 19 އަށް ޕޮސިޓިވްވެފައިވާ އަށް މީހަކު ރާއްޖެއިން ވަނީ ފެނިފައެވެ.