ޚަބަރު

މާދަމާއިން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި މޮރޮކޯއަށް ދަތުރުކުރެވޭނެ: ފޮރިން މިނިސްޓްރީ

މަރިޔަމް ޝަހުދާ

މާދަމާއިން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި މޮރޮކޯއަށް ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ވިސާއާ ނުލައި ދިވެހިންނަށް މޮރޮކޯއަށް ދަތުރުކުރެވޭ ގޮތަށް ހަމަޖެހުނީ މިދިޔަ އަހަރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެގޮތުން މާދަމާ (13 މާޗް 2020) އިން ފެށިގެން ދިވެހިންނަށް ވިސާއާއި ނުލައި މޮރޮކޯއަށް ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 15ގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ދުރާލާ ވިސާ ނުހައްދައު މޮރޮކޯއަށް ދަތުރުކޮށް، 30 ދުވަހުގެ މުއްދަތަކަށް އެގައުމުގައި ވިސާއާ ނުލައި އުޅެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ނަމަވެސް 30 ދުވަހުގެ މުއްދަތަކަށް ވުރެ އިތުރަށް އެގައުމުގައި ހުންނަން އެދޭނަމަ އެކަމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓްތަކާއި އެކަމަށް ހާއްސަ ވިސާ ބޭނުންވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިދިޔަ އަހަރު މޮރޮކޯއަށް ކުރެއްވި ދަތުރުފުޅަށްފަހު ފޮރިން މިނިސްޓްރީން ވަނީ މިއަހަރު ޖެނުއަރީ 31ގެ ފަހުން ދިވެހިންނަށް ވިސާއާ ނުލައި މޮރޮކޯއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުނެފައެވެ.