އަލީ ޔާމިން
ކޯވިޑް19ގެ ސަބަބުން، އިގުތިސޯދަށް އަރާނެ ލޮޅުމަށް ބަލާއިރު މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށާއި މި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅޭގޮތުން ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް މިއަދު ދެއްވި ހިޠާބުގައި ވިދާޅުވީ، ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް މިހާރުވެސް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށާއި ރާއްޖޭގެ އިގުތިސާދަށްވެސް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު މިއަހަރުގެ ތެރޭގައި ރާއްޖޭގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ކުރިއަރާ މިންވަރުވެސް ދަށަށް ދާނެ ކަމަށެވެ.
"އަޅުގަނޑުމެން އަންދާޒާ ކޮށްގެން މިތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީޑީޕީ ކުރިއަރާނެ ކަމަށް. ނަމަވެސް ކޮވިޑް 19ގެ ސަބަބުން، އިގުތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި" ރައީސް ވިދާޅުވިއެވެ.
ޖީޑީޕީ ކުރިއަރާ ނިސްބަތަށް އަންނާނެ ބަދަލުގެ ސަބަބުން މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާ ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދަށް އައި ލޮޅުމާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށާއި ބޭރުގެ ހިލޭ އެހީއާއި ލޯނު އެހީ ހޯދުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.