އަލީ ޔާމިން
ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާ ގޮތުން ކޯވިޑް19ގެ ސަބަބުން އިގުތިސޯދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅޭގޮތުން ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް މިއަދު ދެއްވި ހިޠާބުގައި ވިދާޅުވީ، ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް މިހާރުވެސް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށާއި ރާއްޖޭގެ އިގުތިސާދަށްވެސް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ.
"ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާ ގޮތުން ކޮވިޑް 19ގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑު ލޮޅުން އަރާނެ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ރާއްޖެ ފާހަގަކުރެވޭ. މިމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާ ބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެ. އަދި ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެއްޖެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާ ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ކުރިއަރާ މިންވަރުވެސް ދަށަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަންދާޒާ ކޮށްގެން މިތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީޑީޕީ ކުރިއަރާނެ ކަމަށް. ނަމަވެސް ކޮވިޑް 19ގެ ސަބަބުން، އިގުތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި" ރައީސް ވިދާޅުވިއެވެ.
ޖީޑީޕީ ކުރިއަރާ ނިސްބަތަށް އަންނާނެ ބަދަލުގެ ސަބަބުން މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދަށް އައި ލޮޅުމާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށާއި ބޭރުގެ ހިލޭ އެހީއާއި ލޯނު އެހީ ހޯދުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.