ޚަބަރު

ފަޅުތަކާއި ރަށްތައް ދޫކޮށްފައިވާ ފަރާތްތަކުގެ ލިސްޓެއް އާންމުކޮށްފި

އަހުމަދު ޖައިޝަން

ޓުއަރިޒަމްގެ ތަރައްގީއަށް ޓަކައި ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި އެ ހަވާލު ކުރި ފަރާތްތަކުގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފިއެވެ.

މިހާރު ތަރައްގީ ކުރަމުން އަންނަ ރިޒޯޓްތަކުގެ ނަމުގައި މިނިސްޓްރީން އާންމުކުރި ލިސްޓުގައި 132 ޕްރޮޖެކްޓެއް ހިމެނެއެވެ. އޭގެއިތުރުން ގެސްޓްހައުސް އާއި ހޮޓެލްތަކުގެ މަޝްރޫއުގެ މައުލޫމާތުވެސް ވަނީ އެ ލިސްޓުގައި ހިމަނާފައެވެ. އެ ލިސްޓުގައި ބުނާގޮތުގައި ގެސްޓްހައުސް ވިޔަފާރީގެ 18 ޕްރޮޖެޓެއް އެބަ ކުރިއަށް ދެއެވެ.

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިދިޔަ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިނިސްޓްރީގައި ކުރާ މަސައްކަތްތައް ދެފުށް ފެންނަ ގޮތަކަށް އާންމުންނަށް ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް ހިއްސާ ކުރާނެ ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމަށް ޓަކައި ތަރައްގީ ކުރުމަށް އެގްރީމަންޓު ކުރެވި މަސައްކަތް ކުރަމުންދާ ރަށްތަކާއި ބިންތަކާއި ފަޅުތަކުގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް އަލީ ވަހީދު ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.