އަލީ ޔާމިން
ކޮވިޑް 19 އިން ސަލާމަތް ވުމަށް، މިވަގުތު އެންމެ މުހިންމު ކަމަކަށް ހަދަންވީ މި ނުރައްކާތެރި ބަލިމަޑުކަމުން ރައްކާތެރިކޮށްދެއްވުން އެދި ދުއާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކޯވިޑް 19 އަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅުމާ ގުޅިގެން މިއަދު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ކޯވިޑް 19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށާއި ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތު ނޫން ކަމަށެވެ.
"މިއީ ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ވަކިން ހާއްސަކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.
މި ބަލިން ސަލާމަތްވުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށާއި ހާއްސަކޮށް ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން މިވަގުތު ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ ރާއްޖެއިން މި ބަލީގެ ނުރައްކާތެރިކަން ނައްތާލުމަށާއި ފެތުރުނަ ނުދިނުމަށް ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ.
މީގެ އިތުރުން މިފަދަ ކޮންމެ މުސީބާތެއްގެ ވަގުތުގައި، އެންމެ ބޮޑު ހިތްވަރަކީ، ދިވެހިންގެ އީމާންތެރިކަންކަމުގައި ރައީސް ވިދާޅުވިއެވެ.
"މިފަދަ ކޮންމެ މުސީބާތެއްގެ ވަގުތުގައި، އަޅުގަނޑުމެންގެ އެންމެ ބޮޑު ހިތްވަރަކީ، އަޅުގަނޑުމެންގެ އީމާންތެރިކަން. އެހެންކަމުން އަޅުގަނޑުމެންގެ އެންމެ މުހިންމު ކަމަކަށް ހައްދަވަންވީ، މި ނުރައްކާތެރި ބަލިމަޑުކަމުން ރައްކާތެރިކޮށްދެއްވުން އެދި ﷲގެ ހަސްރަތުގައި ދުޢާ ދެންނެވުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮވިޑް 19އިން ރައްޔިތުން ރައްކާތެރިކުރުމުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވެސް، އަދި ރާއްޖޭގައި މި ބަލީގެ ހާލަތު އޮތް ގޮތްވެސް، އެއްވެސް ފޮރުވުމެއް ސިއްރު ކުރުމެއް ނެތި ހާމަކުރަމުން ދާނެ ކަމަށެވެ.