ޚަބަރު

ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަނީ

އަލީ ޔާމިން

ގއ. ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު މުހައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު މުހައްމަދު އިބްރާހިމް އަމަލުކުރައްވާފައިވާ ގޮތުން އޭނާގެ ސުލޫކަށް އަސަރުކުރާ ފަދަ ކަމެއް ފާހަގަވެފައިވާތީ އެ ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން މުހައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ޖޭއެސްސީން ބަލަނީ މެޖިސްޓްރޭޓު މުހައްމަދު އިބްރާހީމްގެ ކޮން ސުލޫކީ މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިންވެސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމްގެ ސުލޫކީ މައްސަލައެއް ބަލައި އެބޭފުޅާއަށް ނަސޭހަތް ދީފައެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމްގެ ސުލޫކީ މައްސަލައިގެ އިތުރުން ޑުރަގު ކޯޓުގެ ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލައެއްވެސް ބެލުމަށް ނިންމައިފައެވެ. އެ މައްސަލައިގެ ތަފްސީލެއްވެސް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.