އަންހެނުން ބޭނުންކުރާ "ސެނިޓެރީ ނެޕްކިންސް" ނުވަތަ ޕެޑުން ޓެކްސް ނެގުން އުވާލުމަށް މަޖިލީހަށް އިސްލާހެއް ހުށަހަޅައި ފުރަތަމަ ކިޔުން އިއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްބާރީ އަބްދުﷲ އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން އިއްވަމުން އަބްދުލްބާރީ ވިދާޅުވީ ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ސެނިޓެރީ ނެޕްކިންސް އާއި ޓެމްޕޮޮންސް އަކީ އަސާސީ މުދަލެއްގެ ގޮތުގައި ހަމަޖެއްސުން ކަމަށެވެ.
"އެ ތަކެތިން ނަގަމުން އަންނަ ޓެކްސް ހުއްޓާލުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދިވަޑައިގަތުމާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް،" އޭނާ ވިދާޅުވިއެވެ.
ސެނިޓެރީ ނެޕްކިންސް އާއި ޓެމްޕޮންސް އިން ޓެކްސް ނެގުން ހުއްޓާލުމުން ރައްޔިތުންނަށް ފަސޭހަ ވެގެންދާނެ ކަމަށް އަބްދުލް ބާރީ ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި އަންހެނުން ތަހައްމަލުކުރާ ވޭނުން ޓެކްސް ނެގުމަކީ އިންސާފެއް ނޫން. އެހެންވީމަ އެ ޓެކްސް ކަނޑާލުމުން އަންހެނުންނަށް ފަސޭހަ ވާނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ސެނިޓެރީ ނެޕްކިން އިން ޓެކްސް ނުނަގާ ކަމަށެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ފަށާފައިވާއިރު އެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ބިލަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެ ބިލުގައި ސެނިޓެރީ ނެޕްކިންސްގެ އިތުރުން ޑައިޕާސް އިންވެސް ޓެކްސް ނެގުން ހުއްޓާލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.