ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވިޔަފާރިތަކަށް ލިބޭނެ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް އަންނަނީ މަޝްވަރާކުރަމުން: ރައީސް

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން، ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް ރާއްޖޭގައި ހިންގާ ބޭންކުތަކާ އެކު މަރުކަޒީ ބޭންކު އެމްއެމްއޭ އިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ، ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައިވެސް އެކުވެރި ގައުމުތަކުންނާއި މާލީ އިދާރާތަކުން ފެހި ސިގުނަލް ލިބިފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.

"ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކުތަކާއެކު މަރުކަޒީ ބޭންކު އެމްއެމްއޭ އިން އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މިއަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑް 19 ގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ގައުމަކީ ރާއްޖެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާ ކަމަށެވެ.

މި ރޯގާގެ ސަބަބުން މިހާތަނަށް ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ގެލުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެ ކަމަށެވެ. އެގޮތުން ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ހަދާފައި ހުރި ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން އަންދާޒާ ކުރީ މިއަހަރުގެ ފަތުރުވެރިކަން އަށް އިންސައްތަ ކުރިއަރާނެ ކަމަށް. އަޅުގަނޑުމެން އަންދާޒާ ކޮށްގެން މިތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށް. ނަމަވެސް ކޮވިޑް 19ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށެވެ.